ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް މުހައްމަދު ސަރާހް އެވެ.
މި އެއްބަސްވުމުގެ ދަށުން ހއ، ހދ، ށ، ނ، ރ، ބ، ވ، ދ، ތ، ލ، ގއ، ގދ އަތޮޅުގެ ޖުމްލަ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާނެ އެވެ.
މި ރަށްތަކުގައި ޕާކު ތަރައްގީކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެޗްޑީސީގެ އަމާޒަކީ ސަރުކާރުގެ މިފަދަ ޕްރޮޖެކްޓުތަކަށް އެއްބާރުލުން ދިނުމާއެކު، ކުރިއަށް އޮތް ތަނުގައިވެސް މުޖުތަމައަށް ފައިދާ ހުރި އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މިފަދަ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ.




