ވައިޑް-ބޮޑީ ބޯޓުން 46،000 ފަސިންޖަރުން އުފުލައިފި

ގައުމީ އެއާލައިން — މޯލްޑިވިއަނަށް މި އަހަރު ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓުން މިހާތަނަށް 46،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލައިފި އެވެ.

މޯލްޑިވިއަންގެ ފްލީޓަށް މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ގެނައި އެއާބަސް އޭ330-200 ގެ މަތިންދާބޯޓަކީ 264 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އިއްޔެ ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި ބޯޓުގައި ޗައިނާއަށް 117 ދަތުރުކޮށްފައިވެ އެވެ. އިންޑިއާއަށް ނުވަ ދަތުރުކޮށްފައިވާއިރު ހައްޖާއި އުމްރާ ދަތުރުތައް ހިމެނޭ ގޮތަށް ސައުދީ އަރަބިއްޔާއަށް 14 ދަތުރުކޮށްފައިވެ އެވެ.

މީގެ އިތުރުން 1.1 މިލިއަން ކިލޯގެ ކާގޯ ވަނީ މި ބޯޓުގައި އުފުލާފަ އެވެ.

މޯލްޑިވިއަންގެ ދަތުރުތައް އިޓަލީ އާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ބަންގްލަދޭޝް އާއި ދެކުނު ކޮރެއާއަށް ފެށުމަށް އެ ގައުމުތަކުގައި ސޭލްސް އެޖެންޓުން ހޯދަން މޯލްޑިވިއަނުން އިއުލާނުކުރި އެވެ. މީގެ އިތުރުން ކުރިއަށް އޮތް ޗުއްޓީގައި މެލޭޝިއާ އާއި ތައިލެންޑަށް މޯލްޑިވިއަނުން ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *