ރާއްޖެއަށް މުދާ އަންނަ ހިސާބުން ފެށިގެން މުދަލުގެ ލިޔެކިއުން ނިންމާ ބަނދަރުން މުދާ ދޫކުރުމާ ހަމައަށް ހޭދަވާ ވަގުތުތައް ދެނެގަތުމަށް މޯލްޑިވްސް ކަސްޓަމްސުން "ޓައިމް-ރިލީސް ސްޓަޑީ" ސާވޭ ފަށައިފި އެވެ.
މި ސާވޭއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މިންގަނޑުތަކަށް ފެތޭ ގޮތަށް އެ ޖަމްއިއްޔާގެ ކަމާބެހޭ މާހިރުންނާ ގުޅިގެން ހިންގޭ ސާވޭއެއް ކަމަށް ކަސްޓަމްސުން ވަނީ ބުނެފަ އެވެ.
މިގޮތުން މި ސާވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށްދާއިރު މި މަސައްކަތުގައި ކަސްޓަމްސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި އިމްޕޯޓް އެކްސްޕޯޓާގުޅޭ ދައުލަތުގެ މުއައްސަސާތަކާއި ކަސްޓަމްސް ބްރޯކަރުން ހިމެނެ އެވެ.
ކަސްޓަމްސުން ބުނި ގޮތުގައި މިގޮތުން އެއްކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި މުދަލެއް ރާއްޖެއަށް އަންނަ ހިސާބުން އެ މުދާ ބަނދަރަށް ބޭލުމަށް ހޭދަވާ ވަގުތާއި މުދަލުގެ ލިޔެކިއުން ހުށަހެޅުމަށް ހޭދަވާ ވަގުތާއި މުދަލުގެ ލިޔެކިއުން ނިންމުމަށް ހޭދަވާ ވަގުތާއި މުދަލާބެހޭ ގޮތުން ދައުލަތުގެ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ހޭދަވާ ވަގުތާއި ކަސްޓަމްސުން ބަލައިފާސްކުރުމަށް ހޭދަވާ ވަގުތު އަދި ބަނދަރުން މުދާ ދޫކުރުމަށް (ގޭޓް އެގްޒިޓް) އަށް ހޭދަވާ ވަގުތުތައްވެސް ދެނެގަނެވޭނެ އެވެ.
މިފަދަ ސްޓަޑީއެއްގެ ބޭނުމަކީ ރާއްޖެއަށް މުދަލެއް ގެންނައިރު އެ މުދާ ކްލިއަރކޮށް ދޫކުރުމަށް ހޭދަވާނެ ވަގުތުތައް ދުރާލާ ވިޔަފާރިތަކަށް އެނގިގެންދިއުމާއި ކަސްޓަމްސް އާއި ބަނދަރުތައް އަދި އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އިތުރަށް ހަރުދަނާކުރުމަށް ހުރި ކަންކަން ދެނެގަނެވުން ކަމަށް ކަސްޓަމްސުން ފާހަގަކުރެ އެވެ.
މިއީ މޯލްޑިވްސް ކަސްޓަމްސުން ކުރިއަށް ގެންދާ މިފަދަ ދެވަނަ ސްޓަޑީއެވެ. ޓައިމް ރިލީޒް ސްޓަޑީއެއް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ 2021 ވަނަ އަހަރު އެވެ.




