އެސްޓީއޯގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ހިޓާޗީގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފި އެވެ.
މި މުނާސަބާ ފާހަގަ ކުރުމަށްޓަކައި ހުކުރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ވަނީ ވަރަށް ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ.
ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހިޓާޗީ ކުންފުންޏަކީ ފެށުނީއްސުރެ ދުނިޔޭގެ ބާޒަރުގައި ނަން ވިދަމުން އަންނަ އިތުބާރު ހިފޭ ކުންފުންޏެކެވެ. މި ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކުރެވުމާއިއެކު ދިވެހީންގެ މެދުގައިވެސް މި ބްރޭންޑުގެ އުފެއްދުންތައް ވަނީ ބޮޑު މަގުބޫލުކަމާއި އިތުބާރެއް ހޯދާ، އަދި މިއަދާއި ހަމައަށްވެސް އެ އިތުބާރު ދަމަހައްޓާފަ އެވެ.
އެގޮތުން ހިޓާޗީ އޭސީތަކާއި އައިސްއަލަމާރިތައް ފަދަ ޕްރޮޑަކްޓްތަކަކީ ގިނަބަޔެއްގެ ގެތަކުން މިހާރުވެސް ޖާގަ ހޯދަމުން އަންނަ އުފެއްދުންތަކެކެވެ. މި ހަފްލާއަކީ އެސްޓީއޯ އާއި ހިޓާޗީ އާ ދެމެދު އުފެދިފައިވާ 25 އަހަރުވީ ގާތް ގުޅުމުގެ އަލިގަދަ ރަމްޒެއް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
މި ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޖަޕާނުން ރާއްޖެއަށް ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މި ހަފުލާގައި ހިޓާޗީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރާއި ކުންފުނީގެ އިތުރުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު އާއި އެސްޓީއޯގެ ބޯޑު މެމްބަރުންނާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އަދި އެސްޓީއޯގެ ކުރީގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ހަފްލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އާއި ހިޓާޗީގެ މެނޭޖިންގް ޑިރެކްޓަރު ޔޮޝިޔޫކީ ބަންޑޯ އާއި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝިމާދު އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ޑިރެކްޓަrު އިބްރާހިމް މިރްޒާގު ވަނީ ވާހަކަދައްކަވާފަ އެވެ.
އެ ބޭފުޅުންގެ ވާހަކައިގައި އެސްޓީއޯ އާއި ހިޓާޗީއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ހިޓާޗީ ބްރޭންޑާއިއެކު، ރާއްޖޭގެ ބާޒާރަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި އާމުންގެ ދިރިއުޅުމަށް އައިސްފައިވާ ލުއިފަސޭހަތައް އަދި ކުރިއަށް ރޭވިފައިވާ ކަންކަމަށް އަލިއަޅުއްވާލެއްވި އެވެ.
މި ހަފްލާގައި ރާއްޖޭގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވިފައިވާ ޕްރޮޑަކްޓްތައް ވަނީ ޑިސްޕްލޭ ކޮށްފަ އެވެ. މީގެ އިތުރުން، ހިޓާޗީއާއި އެސްޓީއޯގެ މި 25 އަހަރުވީ ޕާޓްނަޝިޕްގައި އެންމެ ގިނައިން ހިޓާޗީ ޕްރޮޑަކްޓްތައް ބައްލަވައި ގެންނެވި ހަތަރު ކަސްޓަމަރެއް އަގުވަޒަންކޮށް ވަނީ އެވޯޑް ދީފަ އެވެ.
ހަފުލާގައި އެންމެ ހާއްސަ ކަމެއްގެ ގޮތުން ހިޓާޗީއިން އަލަށް ތައާރަފް ކުރި "ހިޓާޗީ ނިއު އެއާ' ރޭންޖްގެ ޕްރޮޑަކްޓްތައް ވަނީ ލޯންޗުކޮށްފަ އެވެ.
މި ހަފްލާއަކީ ގިނަ ދުވަސްވީ ޕާޓްނާޝިޕެއް ފާހަގަ ކުރެވިގެންދިޔަ މުހިއްމު ހަފުލާއެއް ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ. އަދި އެސްޓީއޯއަށާއި ހިޓާޗީ މެދުގައި އޮތް 25 އަހަރުވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރަން އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެސްޓީއޯ އިން ފާހަގަކުރެ އެވެ.
މި އިވެންޓުގެ އަމާޒަކީ މި ދެ ކުންފުނީގެ ދެމެދުގައި އޮތް ގުޅުމާއި އިތުބާރު އިތުރަށް ވަރުގަދަވެ، މުސްތަގުބަލުގައި މިފަދަ މުހިއްމު މަރުހަލާތަކައި ކާމިޔާބީތައް ފާހަގަކުރުން ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.




