ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މި އަހަރު 2.2 ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް 2.2 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
އެސްޑީއެފްއަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރީ 1.2 ބިލިއަން ރުފިޔާ އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މި އަހަރު 2.1 ބިލިއަން ރުފިޔާ ޖަމާކުރަން ކަނޑައެޅި އެވެ.
އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ.
ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.
އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.




