ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ޑޮލަރު ލިމިޓްގެ ބައެއް މީހުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރުރިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށްފަ އެވެ.

އެ ގޮތުން ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުންކުރެވޭ މުއާމަލާތްތަކަށް މަހަކު 1،000 ޑޮލަރު އަދި ޓިކެޓާއި ހޮޓެލް ބުކިން އަދި ސިއްހީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3،000 ޑޮލަރާއި ހަމައަށް ލިމިޓް ކަނޑައެޅި އެވެ.

ބީއެމްއެލުން މިއަދު ބުނީ މި ލިމިޓްތައް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް އަމިއްލަ އެކައުންޓަށް ނަގާފައިވާ ކާޑުތައް އެހެން މީހުން ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުމާއި އޭގެ ތެރެއިން އެކަކު 100 އަށްވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް ބޭރު ފައިސާ ހޯދުމަށްޓަކައި ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ވަނީ ތިންވަނަ ފަރާތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުން ކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއްކަން ހަނދާންކޮށްދީފަ އެވެ.

މީގެ އިތުރުން ޕާސަނަލް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރި ފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށްވެސް ބޭންކުން ވަނީ ބުނެފަ އެވެ.

ބޭންކުން ބުނީ ކުރިޔަށް އޮތްތާނގައި މިފަދަ މުއާމަލާތްތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ. އަދި މި ގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާޗެންޓުތަކުގައި މުއާމަލާތް ނުކުރެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *