މާލޭ ވިޔަފާރި ބަނދަރަށް ލުއިތަކެއް ގެންނަން ތިލަފުށީގައި ކީ ވޯލެއް ހަދަނީ

ތިލަފުށީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "ލޯކަލްް ހާބަ ރިލީފް ޕްރޮޖެކްޓް"ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަފުށީގައި ކީވޯލެއް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ.

މިއީ އެމްޕީއެލްގެ މާސްޓާޕްލޭންގެ ދަށުން މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ބޮޑެތި އުޅަނދުފަހަރަށްވެސް ބަނދަރުކުރެވޭނެ ފަދަ ޒަމާނީ ބަނދަރެއް ތަރައްގީކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެމްޕީއެލް އިން މާލޭގައި ހިންގާ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ކުންފުނިން ގެންދަނީ 250 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ތިލަފުށީގައި ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ތިލަފުށީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "ލޯކަލްް ހާބަ ރިލީފް ޕްރޮޖެކްޓް"ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަފުށީގައި 100 މީޓަރުގެ އިންޓަނޭޝަނަލް ކީ ވޯލްއަކާއި 650 މީޓަރުގެ ޑޮމެސްޓިކް ކީވޯލް އާއި ބޭސިން ޗެނަލްއެއް ހަދާނެ އެވެ. މިމަސައްކަތުގެ ސާވޭކޮށް، ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެމްޕީއެލް އިން މިމަސައްކަތްތައް ބީލަމަށް ހުޅުވާލާފައިވަނީ ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށާއި، ޖޮއިންޓް ވެންޗާތަކަށްވެސް ކުރިމަތިލެވޭ ގޮތަށެވެ.

މިމަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އެމްޕީއެލް އިން ބުނީ މާލޭގައި ހިންގަމުންދާ މައި ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ހުރިހާ މަރުހަލާއެއް އެއްކޮށް ނިންމާލެވޭނީ 10 ވަރަކަށް އަހަރުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *