ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން ރައީސް ނިންމައިފި

އެކި ދާއިރާތަކުން ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއަ ތެރަޕިސްޓުންގެ އިތުރުން ސައިކޯ ތެރަޕިސްޓުން ހިމެނޭހެން މި މަޝްރޫއުގެ ދަށުން 250 ތެރަޕިސްޓުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނެއެވެ.

ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ ތެރަޕީއަކީ ނުހަނު މުހިންމު އެއްޗަކަށް ވީނަމަވެސް، ވަކީން ހާއްސަކޮށް އަތޮޅުތެރޭގެ ރަށްތަކުން މިފަދަ ހިދުމަތްތައް ލިބެން ނުހުންނަކަން ފާހަގަކުރެވެއެވެ.

މިފަދަ މުހިންމު ހިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަސީލަތްތައް މަދުވުމެވެ. އެހެންކަމުން ސަރުކާރުން އަންނަނީ މިކަން ހައްލުކޮށް، އަތޮޅުތެރެއަށްވެސް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންނެވެ. އެގޮތުން ފާއިތުވި ދެ އަހަރުެރޭވެސް މިފަދަ ހިދުމަތްތައް އަތޮޅުތެރޭގައި ފަށާފައިވާކަން ފާހަގަކުރެވެއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕީއަށް މިދިޔަ މަހު އެކަނިވެސް 12.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެގޮތުން، 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ތެރއަޕިއުޓިކް ފަރުވާދިނުމަށް އެހީވެފައިވާއިރު، 18 އަހަރާއި 64 އަހަރާ ދެމެދުގެ 17 މީހަކަށް ފަރުވާދިނުމަށް އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ތެރަޕީގެ ވަކި ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ 3.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ބިހޭވިއަރ ތެރަޕީގެ ހިދުމަތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *