ކުންފުނިތައް އަލުން ހަރަކާތްތެރިވުމަށް އެދި ހުޅަހެޅުމުގެ ފުރުސަތު ހަމަވަނީ

ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އަލުން ހަރަކާތްތެރިވުމާއި ހިންގުމަށް އެދޭ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހަށް ހަމަވާނެ އެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ރަޖިސްޓްރާ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭ ގޮތުން އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދުގެ ދަށުން، އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ލިސްޓް އިކޮނޮމިކް މިނިސްޓްރީން އާންމުކުރީ މި އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

އެ އިއުލާނާއެކު އާންމުކޮށްފައިވާ އުވާލުމަށް ރަޖިސްޓްރާ ކަނޑައެޅި ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏަކުން އަލުން ހަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭނަމަ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ގަރާރު އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެ އެވެ.

މިގޮތުން ހުށަހަޅާ ކުންފުނިތައް އަލުން ހަރަކާކްތެރިވުމަށް ފުރުސަތު ދެވޭނީ ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ގަރާރާއި ޑިސެމްބަރު 31، 2023 އާ ހަމަޔަށް ކުންފުނިން ދައްކަންޖެހޭ އަހަރީ ފީ އާއި ޖޫރިމަނާ ނުދައްކާ އޮތް ކުންފުންޏެއްނަމަ، އެ ފައިސާ ހަލާސްކުރުމަށްފަހު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ރަސީދު ހުށަހެޅުމުންނެވެ.

މީގެ އިތުރުން އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުގެ ރިޕޯޓާއި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ހުށަނޭޅުމުގެ ސަބަބުން ޖޫރިމަނާ ދައްކަން ޖެހޭ ކުންފުންޏެއްނަމަ، ޖޫރިމަނާ ފައިސާ ހަލާސްކުރިކަން އެނގޭނެ ރަސީދުވެސް ހުށަހަޅަންޖެހެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *