ތަރުކާރީ އާއި ކަނޑުމަހުގެ އަގު ފާއިތުވި ނޮވެމްބަރު މަހު އުފުލިއްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓަށް ބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު ނޮވެމްބަރު މަހު ތަރުކާރީގެ އަގު 2.29 ޕަސެންޓް އުފުލުނެވެ.
ކަނޑުމަހުގެ އަގުތައް 0.66 ޕަސެންޓް އުފުލުނުއިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 0.92 ޕަސެންޓް ބޮޑުވި އެވެ.
ސެކިއުރިޓީ އިކުއިޕްމަންޓްގެ އަގުތައް 0.77 ޕަސެންޓް އުފުލުނުއިރު ހަކުރު، ޖޭމު، މާމުއި، ޗޮކްލެޓް އަދި ފޮނިކާ ތަކެތީގެ ބާވަތްތަކުގެ އަގު 0.50 ޕަސެންޓް އުފުލިފައިވެ އެވެ.
އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި މޭވާ އާއި ސަޕްލައި ފެން ހިމެނެ އެވެ.
މޭވާގެ އަގު 1.88 ޕަސެންޓް ދަށަށް ދިޔައިރު ސަޕްލައި ފެނުގެ އަގު 0.47 ޕަސެންޓް ދަށަށް ދިޔަ ކަމަށް ސީޕީއައި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.




