މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 107.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ 2024 ވަނަ އަހަރަށްވުރެ 4.8 ޕަސެންޓް އިތުރުވެފަ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި 2024 ވަނަ އަހަރު ލިބުނީ 102.2 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އެ ގޮތުން މިހާރު މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަކީ 19،527.90 ރުފިޔާ އެވެ.
ރާއްޖޭގައި ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށާއި ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެ އެވެ.
މުދަލު ޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.
މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.




