އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން އުޅެނީ "އެމެރިކާގެ ރައީސް ރުއްސަން" ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ހާމަނާއީ ވިދާޅުވީ މުޒާހަރާކުރާ މީހުން އުޅެނީ ހަމަނުޖެހުން އުފައްދަކަން ކަމަށެވެ. ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މި މުޒާހަރާތަކަށް 13 ދުވަސްވެފައިވާއިރު އީރާނުން ޔޫއެންގެ ސެކިއުރިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައިވެސް ވަނީ އެކަމުގެ އަޑީގައި ތިބީ އެމެރިކާ ކަމަށް ބުނެފަ އެވެ.
މިއީ މިފަހުން އީރާނުގައި ހިންގާ އެންމެ ބޮޑު މުޒާހަރާތަކެވެ. މި މުޒާހަރާތަކުގައި މިހާތަނަށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން 48 މީހުން އަދި ސަލާމަތީ ބާރުތަކުގެ 14 މީހުން ވަނީ މަރުވެފަ އެވެ.
އިތުރުން އީރާނުން ވަނީ އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފަ އެވެ.
އެމެރިކާގެ ވައިޓް ހައުސްގައި ހުކުރު ދުވަހު ވާހަކަ ދައްކަވަމުން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ އެންމެ ތަދުވާނެ ތަނުގައި ވަރަށް ބާރަށް ޖަހާނެ ކަމަށެވެ.
އީރާނުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އެއީ އީރާނަށް އެމެރިކާ ސިފައިން ފޮނުވުން ނޫން ކަމަށް ވިދާޅުވި އެވެ.




