އެމެރިކާގެ އަސްކަރީ ވަސީލަތްތައް މެދުއިރުމަތީގައި ވަރުގަދަކުރުމަށްފަހު މި ހަފުތާ ބަންދުގައި އީރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އިސް އޮފިޝަލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެންނެވި ނަމަވެސް އަސްކަރީ ފިޔަވަޅު އެޅުމާ މެދު ޓްރަމްޕް އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.
އީރާނާއި އެމެރިކާގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށްދިޔަ ނަމަވެސް ފާއިތުވި ދުވަސްތަކުގައި ދެ ފަރާތުގެ ބަހުގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ބުދަ ދުވަހު ޓްރޫތު ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކަށް އައުމަށް އީރާނުން ދެކޮޅު ހަދައިފިނަމަ ޑިއޭގޯ ގާސިއާ އާއި ފެއާފޯޑްގައި ހުންނަ ވައިގެ ބަނދަރު ބޭނުންކުރަން ޖެހިދާނެ ކަމަށެވެ.
ޓްރަމްޕްގެ މުޝީރަކު 'އެކްސިއޯސް' އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އީރާނާއެކު ހަނގުރާމައަކަށް ނުދިއުމަށް ބައެއް މީހުން ލަފާދެމުންދާއިރު، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އަސްކަރީ ކުރިމަތިލުމެއް ފެނުމުގެ 90 އިންސައްތަ ފުރުސަތު އެބައޮތް ކަމަށެވެ.




