އީރާނުން އަސްކަރީ މަރުކަޒެއްގެ މަތީގައި ކޮންކްރީޓް "އައްޑަނަ" އެއް އަޅައިފި

އީރާނުގެ އަސްކަރީ ސަރަހައްދެއްގައި އަލަށް ބިނާކުރި މަރުކަޒެއްގެ މަތީގައި ކޮންކްރީޓް "އައްޑަނަ" އެއް އަޅައިފި އެވެ.

މި ފަހުން އާންމުވި ސެޓްލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މިއީ އިޒްރޭލުން 2024 ވަނަ އަހަރު ހަމަލާދިން ކަމަށް ބުނާ ސަރަހައްދެކެވެ.

މީގެ އިތުރުން މިދިޔަ އަހަރު އިޒްރޭލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ މަރުކަޒުތަކަށް ވަންނަ ދޮރުތައްވެސް އީރާނުން ވަނީ ފަސްއަޅައި ފޮރުވާފަ އެވެ.

ހަނގުރާމައިގައި ގެއްލުންވި މިސައިލް މަރުކަޒުތައްވެސް މަރާމާތުކޮށްފައިވާ ކަންވެސް ސެޓްލައިޓް ފޮޓޯތަކުން ފާހަގަކުރެވެ އެވެ.

ތެހެރާނާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ 'ޕާޗިން' ކޮމްޕްލެކްސްއަކީ އިރާނުގެ އެންމެ ނާޒުކު އެއް އަސްކަރީ މަރުކަޒެވެ. ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، މީގެ 20 އަހަރު ކުރިން އިރާނުން އެތަނުގައި ނިއުކްލިއާ ބޮން ގޮއްވުމާ ގުޅޭ ތަޖުރިބާތަކެއް ކޮށްފައިވެ އެވެ. ނަމަވެސް، އިރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އީރާނުން މި މަސައްކަތްކޮށްފައި މިވަނީ ސަރަހައްދީ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެދާނެ ކަމަށް ދުނިޔޭގެ ގައުމުތަކުން ފާރަވެރިވަމުންދާ ދަނޑިވަޅެއްގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *