އެސްޓީއޯއިން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ ޒަމާނީ ކާޑިއޯވަސްކިއުލާ އަލްޓްރާސައުންޑް ސިސްޓަމެއް

އެސްޓީއޯ ހެލްތުކެއާގެ ފަރާތުން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޒަމާނީ ޑައިގްނޯސްޓިކް އިކުއިޕްމަންޓް ފޯރުކޮށްދީ ހާއްސަ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންމެ ފަހުގެ ކާޑިއޯވަސްކިއުލާ އަލްޓްރާސައުންޑް ސިސްޓަމެއް ހުޅުމާލޭ ހޮސްޕިޓަލަށް ފޯރުކޮށްދީފި އެވެ.

ޖީއީ ހެލްތްކެއާ ބްރޭންޑުގެ ވިވިޑް އީ95 ކާޑިއޯވަސްކިއުލާ އަލްޓްރާސައުންޑް ސިސްޓަމް ތައާރަފުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްދިޔަ އެޕްލިކޭޝަން ޓްރެއިނިން ސެޝަނަކާއެކު އެވެ. މި ސެޝަނުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސިއްހީ މާހިރުންގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަންދޫބުންވެސް ބައިވެރިވި އެވެ.

މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި ކާޑިއެކް އިމޭޖިން ހިދުމަތްތައް ތަރައްގީކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތެއް ކަމަށާއި މި ސިސްޓަމަކީ މެޑިކަލް އިމޭޖިން އަދި ހެލްތުކެއާ ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ޖީއީ ހެލްތުކެއާ އާއި އެސްޓީއޯ ހެލްތުކެއާގެ ޕާޓްނާޝިޕްގެ ދަށުން ފޯރުކޮށްދެވުނު ސިސްޓަމެއް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

ޖީއީ ވިވިޑް އީ95އަކީ ހިތުގެ ބައިތަކާއި މަސައްކަތްކުރާ ގޮތް އަދި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލާލެވޭނެހެން ފަރުމާކޮށްފައިވާ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިން ސިސްޓަމެކެވެ.

މި ސިސްޓަމުގައި ބޮޑެތި މީހުންނާއި ކުޑަކުދިން އަދި އަލަށް އުފަންވާ ކުދިންނަށް ބޭނުންކުރެވޭނެ ޕްރޯބްތައް ހިމެނެ އެވެ. މީގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ހިތުގެ އައިބުތައް ދެނެގަތުމަށާއި ހުރިހާ އުމުރުފުރައެއްގެ ބަލިމީހުންގެ ހިތުގެ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެން ދިއުމާއި ފަރުވާގެ ކަންކަމުގައި އަވަސް ނިންމުންތައް ނިންމުމަށް އެހީތެރިވެދެ އެވެ.

މީގެ އިތުރުން ރާއްޖޭގައި މިފަދަ ހާއްސަ ހިދުމަތްތައް ލިބެން ހުރުމަކީ މުއައްސަސާތަކުގެ ގާބިލުކަން އިތުރުވެ، ބޭރުގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ ހެލްތުކެއާގެ ފަރާތުން މެޝިން ފޯރުކޮށްދިނުމުގެ އިތުރުން އިންސްޓޯލްކުރުމާއި އެޕްލިކޭޝަން ޓްރެއިނިން ދިނުމާއި މެދުނުކެނޑި ފަންނީ އެހީތެރިކަން ފޯރުކޮށްދެ އެވެ. މީގެ އިތުރުން ވޮރެންޓީ އަދި އާފްޓަ-ސޭލްސް ސާވިސް ސަޕޯޓް ތަމްރީނު ލިބިފައިވާ އެސްޓީއޯގެ ބަޔޯމެޑިކަލް އިންޖިނިއަރުން ކްލިނިކަލް އެޕްލިކޭޝަން ސްޕެޝަލިސްޓުން ފޯރުކޮށްދެނީ ކަމުގެ ފަންނީ މާހިރުންނާއި ގުޅިގެންނެވެ.

މީގެ މަގުސަދަކީ ސިއްހީ ހިދުމަތްތެރިންނަށް މި ސިސްޓަމް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އެނގޭނެކަން ކަށަވަރުކުރުމާއި މި ތަކެތި ގިނަ ދުވަހު ބޭނުން ކުރެވޭނެކަމާއި އޮޕަރޭޝަނަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުން ކަމަށް އެސްޓީއޯ އިން ބުންނެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޖީއީ ވިވިޑް އީ95 ސިސްޓަމް ގާއިމުކޮށް ހިދުމަތް ދޭން ފެށުމަކީ ރާއްޖޭގެ ޑައިގްނޯސްޓިކް ހިދުމަތްތައް ތަރައްގީކޮށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެސްޓީއޯ ހެލްތުކެއާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި ގުޅިގެންކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ. އަދި މިއީ ކާޑިއެކް، ޕީޑިއަޓްރިކް އަދި ނިއޯނޭޓަލް ޑައިގްނޯސްޓިކް ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *