ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އާންމު ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަންޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމާއި ގާނޫނީ ވަކީލް އައިކް އަހްމަދު އީސަ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ހޮނިހިރު ދުވަހު ބާއްވާ ވޯޓަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމަށް ފެނޭތޯ ބެލުމަށް ރައްޔްިތުން ކައިރީ އަހާ ވޯޓެކެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވޯޓުގައި ރައްޔިތުން ކައިރީ އަހަން ނިންމާފައިވާ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފް ސުވާލެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކަށް ފެންނާތީ އެ ވޯޓު ހުއްޓުވައިދިނުމަށެވެ.
ހުކުމް އިއްވަވަމުން ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނަގާ ވޯޓެއްގައި ރައްޔިތުން ކައިރީ އަހާ ސުވާލު އޮންނަންވީ ގޮތް ގާނޫނުއަސާސީއާއި ގާނޫނުތަކުގައިވެސް ބުނެދީފައި ނެތް ކަމަށެވެ. އެހެންވެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ވޯޓު ހުއްޓުވަންޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށް ހުކުމްކޮށްފަ އެވެ.
މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު އަލީ ރަޝީދާ އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.




