ޒިޔަތާ ގުޅުން އޮތް ކުންފުންޏަކަށް އަނެއްކާވެސް ދައުވާކުރަނީ

އެމްއެމްޕީއާރްސީގެ ފައިސާ އިން މަނީ ލޯންޑަ ކުރި މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާ ގުޅުން އޮންނަ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްއެޗްއާރް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.

މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވަން ނިންމީ އޭސީސީ އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގައި ފާހަގަކުރެވުނު ކަންކަމަށްފަހު އެވެ.

އޭސީސީ އިން ބުނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލައިގައި އެމްއެޗްއާރް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމީ މިދިޔަ ޖޫން 29 ވަނަ ދުވަހު ކަމަށެވެ.

އޭސީސީ އިން ބުނީ މައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް ފައިސާ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެމްއެޗްއާރް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އެގޮތުން 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެކިފަހަރު މަތިން އެސްއޯއެފްގެ ޗެކުތަކެއް މެދުވެރިކޮށް ޖުމްލަ 325,000 އެމެރިކާ ޑޮލަރު އެމްއެޗްއާރް އަދި އެ ކުންފުނީގެ ދަށުން ހިންގަމުން ގެންދާ "ތަރުކާރީ ފިހާރަ"ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ހޯދިފައިވާ ކަމަށެވެ.

"މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވީ ނަމަވެސް އެ ޗެކުތައް އެ ކުންފުންޏަށް ދިނީ ކޮން ފަރާތަކުން ކަމާއި އަދި ޗެކުތަކަށް ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއްވެސް އެ ކުންފުންޏަށް ތަހުގީގުގައި ސާބިތުކޮށްދެވިފައެއްނުވެއެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީ އިން ބުނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދެއްކި 50,000 އެމެރިކާ ޑޮލަރު އެމްއެޗްއާރްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި އިސްކޮށް މަސައްކަތްކޮށްފައިވާ އަބްދުﷲ ޒިޔާތު މެދުވެރިކޮށްކަމާއި އެ ޗެކު އެމްއެޗްއާރްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި އެމްއެޗްއާރްގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުގެ ޗެކުތައް ޖަމާކޮށްފައިވާއިރު، ޗެކުތަކަކާ ގުޅޭގޮތުން ޢަބްދުﷲ ޒިޔާތުއާއި އެމްއެޗްއާރް ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ދެމެދު މުއާމަލާތްކޮށްފައިވާކަމާއި އެ މުއާމަލާތްތަކުން އެމްއެޗްއާރްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެމްއެޗްއާރް ކުންފުނީގެ އެމްޑީއަށް ޝައްކުކުރެވޭނެ ހާލަތެއް އޮތްކަން ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ބުންޏެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ގާނޫނުގެ 53 ވަނަ މާއްދާއާއި އެ ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ތެރެއިން އެސްއޯއެފްގެ ޗެކުތައް މެދުވެރިކޮށް އެމްއެޗްއާރްގެ އެކައުންޓަށް ޖަމާކޮށްފައިވާ 325,000 ޑޮލަރަށްވާ 5,011,500 ރުފިޔާ އާއި އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދެއްކި 50,000 އެމެރިކާ ޑޮލަރު އެމްއެޗްއާރްއަށް ޖަމާކޮށް އެ ފައިސާ އިންވެސްޓްކޮށްގެން ފައިދާގެ ގޮތުގައި ހޯދާފައިވާ ފައިސާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް ފޮނުވަން ނިންމާފައިވާ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *