ފުރަތަމަ ހަ މަހު ބީއެމްއެލްއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލްގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނަތީޖާ ދައްކާ ގޮތުން ބޭންކުން ވަނީ ހަރުދަނާ މާލީ ނަތީޖާއެއް ހާސިލުކޮށްފަ އެވެ.

އެ ގޮތުން ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.

ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާގަ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ވޭތުވެދިޔަ ހަ މަސް ދުވަހުގެ މުއްދަތުގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެ ތެރޭގައި އިންޓްރެސްޓުން ހޯދޭ އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނެ އެވެ.

ބޭންކުގެ އާމްދަނީއާ އަޅައިބަލާއިރު ހިންގުމުގެ ޚަރަދު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ހުރީ 28 އިންސައްތައިގައެވެ.

ދެވަނަ ކުއާޓަރުގައި ބޭންކުގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަވެފައިވާއިރު، ޖޫން 30 އާ ހަމައަށް ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާގެ މިންވަރު 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *