މާލެ ސަރަހައްދުގެ ކުނި ބޮޑުތިލަދުންމައްޗަށް އެޅުމަކީ ބޮޑު ބޭއިންސާފެއް: ޝާހިދު

މާލެ ސަރަހައްދުގެ ކުނި ބޮޑުތިލަދުންމައްޗަށް އެޅުމަކީ ބޮޑު ބޭއިންސާފެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ކ. ތިލަފުށީގައި މި މަހުގެ 19 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދޫއަށް ގެންދިއުމަށް ވެމްކޯ އިން ކަނޑައެޅުމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މާލެ ސަރަހައްދުގެ ކުނި ބޮޑުތިލަދުންމައްޗަށް އެޅުމަކީ އަނިޔާއެއް އަދި މަލާމާތެއް ކަމަށެވެ.

"ބޮޑުތިލަދުންމައްޗަކީ ދިވެހިރާއްޖޭގެ އުތުރުބިތުގެ ދިވެހިންގެ ޝަހުސިއްޔަތު ރަމްޒުކޮށްދޭ ރައްޔިތަކު ދިރިއުޅޭ ތަރައްގީއަށް ކެތްމަދުވެފައިއޮތް ސަރަހައްދެއް. މާލޭ ސަރަހައްދުގެ "ކުނި" ބޮޑުތިލަދުންމަތީގެ ޖަޒީރާވަންތަ ފަސްގަނޑަށް އަޅާލުމަކީ އެސަރަހައްދަށާއި އެރައްޔިތުންނަށް ކުރެވޭ ވަރަށްވެސް ބޮޑު ބޭއިންސާފެއް! އަނިޔާއެއް. މަލާމާތެއް!،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ މި ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

‏"ސަރުކާރުގެ ދޯހަޅި ނިންމުން ބަދަލުކުރައްވާ ރައްޔިތުންގެ ވިންދާއެއްގޮތަށް މިސްރާބު ހަމަމަގަށް އަޅުއްވާ. ތިޔަހެނެއް ނުހެއްދެވޭނެ!" ޝާހިދު ވިދާޅުވި އެވެ.

ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް، ކުނބުރުދޫގައި ގާއިމުކުރަން ފަށާ އަދި ނުނިމިވާ ވޭސްޓް ޓްރާންސްފާ ސެންޓަރަށް ގެންދިއުމަށް ވެމްކޯ އިން ވަނީ ކަނޑައަޅާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *