ރައީސްގެ އިލްތިމާސް: ޤައުމީ ވިސްނުން އިސްކޮށް "ދޫނިތަކަށް" ވޯޓް ދެއްވާ

މާދަމާ އޮންނަ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަމަށް އިލްތިމާސް ކުރެއްވީ "ރައްޔިތުންގެ ބޮޑު ހިނގާލުން" ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަކީ ޤައުމީ ވިސްނުމުގައި ނިކުންނަވާ ގޮތް ނިންމާ އިންތިޚާބަކަށް ހެއްދެވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ވޯޓްލުމަކީ އަސާސީ އަދި ޤާނޫނީ ޙައްޤެ ކަމަށާ އެއީ ހެޔޮ ގޮތުގައި ބޭނުން ހިފަން ވާޖިބު ޙައްެޤެއް ކަމަށެވެ. އެހެން ކަމުން ހުރިހާ ރައްޔިތުން ވެސް ޤައުމީ ވިސްނުމުގައި ވޯޓް ދެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.

"ތިބޭފުޅުން އަޅުގަނޑުމެންނަށް އިތުބާރުކޮށް ދެއްވާ ވޯޓް ވެގެންދާނީ ތިބޭފުޅުން ފަޚުރުވެރިވާ ވޯޓަކަށް. އޭގެ ނަތީޖާ އަޅުގަނޑުމެން ނެރެދޭނެ ވޯޓަކަށް. ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު މާޔޫސްވާނެ ވޯޓަކަށް ވެގެންނުދާނެ ވޯޓަކަށް," ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރާ އިދިކީލަ ބަޔަކަށް ފުރުސަތު ދީފިނަމަ އެތައް ރަށްރަށުގެ ތަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ. މިހާރު ވެސް އެކަން ތަޖުރިބާ ކުރެވިފައިވާ ކަމުގައި ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ސަރުކާރާ އިދިކީލަ ބަޔަކު ތިބެ ތަަރައްޤީ ފަސްވެ ދުވަސްތަކެއް ގެއްލިގެން ދިއުމަށް ފުރުސަތު ނުދެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.

"ވަރަށް އިޚްލާސްތެރިކަމާއެކު ޤައުމީ ވިސްނުމުގައި އަޅުގަނޑު މި ގޮވާލަނީ އަޅުގަނޑުމެންގެ ދޫނިތަކަށް ވޯޓް ދޭށޭ," ރައީސް އިލްތިމާސް ކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *