އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއީލު ވާދަކުރައްވަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ނިންމަވައިފި އެވެ.

އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ކަމަށް ވާދަކުރަން ނިންމެވިކަން ހާމަކުރައްވާ މީކާއީލް ވިދާޅުވީ މިވަގުތު އެމްޑީޕީގެ އެންމެ އިސް އަމާޒަކަށް ވާންވީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.

"ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕާޓީއަށް އެންމެ މުހިންމީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދައި ޕާޓީގެ ސަފުތައް ބަދަހިކުރުން،" މީކާއީލް ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވި ގޮތުގައި އެކަން ކުރެވޭނީ ވަކިވަކި ލީޑަރުންނާއި ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ ޕާޓީ އާންމު މެންބަރުންގެ މަސްލަހަތު އިސްކޮށްދޭނެ މީހަކު ޕާޓީގެ ލީޑަޝިޕާ ހަވާލުވެގެންނެވެ.

އެކަން ކުރެވޭނީ އަބަދު އެއް ބަޔަކު، އެއް ފިކުރެއްގައި ޕާޓީ ހިންގުމުގެ ބަދަލުގައި އައު ޒުވާން ޖީލަކަށް ޕާޓީގެ ލީޑަޝިޕުން ފުރުސަތު ދީގެން ކަމަށްވެސް މީކާއީލް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަން ނިންމެވިކަން މީކާއީލް ހާމަކުރެއްވިއިރު ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.

އަބްދުލް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *