މެދުއިރުމަތީގައިވާ އެމެރިކާގެ ބައިވެރި ގައުމުތަކަށް 8.6 ބިލިއަން ޑޮލަރަށްވުރެ ގިނަ ހަތިޔާރު ވިއްކުމުގެ ހުއްދަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފި އެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ ކޮންގްރެސްގެ ހުއްދައާ ނުލައި މެދުއިރުމަތީގެ ބައެއް ގައުމުތައް ކަމަށްވާ އިޒްރޭލް، ގަތަރު، ކުވެއިތު އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް 8.6 ބިލިއަން ޑޮލަރަށްވުރެ ގިނަ ހަތިޔާރު ވިއްކުމަށް ހުއްދަދީފަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު މިކަން އިއުލާނު ކުރީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ނުވަ ހަފުތާވެ އަދި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފެށިތާ ތިން ހަފުތާއަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އެ ގައުމުތަކަށް ވަގުތުން ހަތިޔާރު ފޯރުކޮށްދޭންޖެހޭ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ކަމަށް ކަނޑައަޅުއްވާ ކޮންގްރެސްގެ މުރާޖައާއަކާ ނުލައި އެކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވާފަ އެވެ.
މީގެ ތެރެއިން ގަތަރަށް ޕެޓްރިއޮޓް އެއާ އެންޑް މިސައިލް ޑިފެންސް ރިޕްލެނިޝްމަންޓްގެ ހިދުމަތް ދިނުމަށް ހަތަރު ބިލިއަން ޑޮލަރު އަދި އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމްސް (އޭޕީކޭޑަބްލިޔުއެސް) 992.4 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.
މީގެ އިތުރުން، ކުވެއިތަށް 2.5 ބިލިއަން ޑޮލަރުގެ އިންޓަގްރޭޓެޑް ބެޓްލް ކޮމާންޑް ސިސްޓަމެއް ވިއްކުމަށާއި، އިޒްރޭލަށް 992.4 މިލިއަން ޑޮލަރުގެ އޭޕީކޭޑަބްލިޔުއެސް ވިއްކުމަށް ހުއްދަދީފައިވެ އެވެ.




