އިޒުރޭލަކަށް ތާއީދެއް ނުކުރަން: ނަޝީދު

ހައްދުފަހަނައެޅި ޔަހޫދީ ދައުލަތް — އިޒުރޭލުގެ ސިޔާސަތުތަކަށް އިދިކޮޅު އެމްޑީޕީން ތާއީދު ނުކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދާއި އެމްޑީޕީއަކީ އިޒުރޭލާ ގާތްގުޅުންތަކެއް ބާއްވާ ފަރާތްތަކެއް ކަމަށް ބައެއް ދިވެހިން އަބަދުވެސް ތުހުމަތުކުރެ އެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމު ވަނީ އިޒުރޭލަށް ދަތުރުފުޅެއްވެސް ކުރައްވާފަ އެވެ. އަދި އިޒުރޭލާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅޭ މަސައްކަތްތަކެއް ކުރުމަށްވެސް ނަޝީދުގެ ވެރިކަމުގައި މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ނިމިގެން ދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެމްޑީޕީގައި އިޒުރޭލަށް ތާއީދުކުރާ ޕްރޯ ސިޔާސަތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީއަކީ އިސްލާމީ ގައުމުތަކާ ދުރު ޕާޓީއެއް ކަމަށްވެސް ރައީސް މުއިއްޒު ތުހުމަތުކުރެއްވި އެވެ.

އިޒުރޭލާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައީސް ނަޝީދު ރައްދު ދެއްވީ ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އިޒުރޭލުގެ ސިޔާސަތުތަކަށް ތާއީދު ކުރާ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ އަބަދުވެސް އޮންނާނީ ފަލަސްތީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ކަމަށްވެސް ވިދާޅުވި އެވެ.

އިޒްރޭލުގެ ލާއިންސާނީ އަަމަލުތައް ހަނދާން ނައްތާނުލެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ވާހަކަދައްކަވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކާކުތޯ އިޒްރޭލަށް ތާއިދުކުރާނީ؟ އަޅުގަނޑުމެންގެ ޓީވީތަކުން ފެންނަމުން އެދާ މަންޒަރުތައް އިޒްރޭލު ސަރުކާރުގެ ލާއިންސާނީ އަަމަލުތައް ކާކުތޯ ހަނދާން ނެތޭނީ، ކާކުތޯ އިޒްރޭލަށް ތާއީދު ކުރާނީ؟ އެމްޑީޕީއެއް ނުކުރާނެ، އިޒްރޭލަށް އެމްޑީޕީއެއް ތާއީދެއް ނުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އަދި ފަލަސްތީން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށްވެސް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ އަމަލުތައް ހުރީ އިރާނުން އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *