ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު ދިވެއްސަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އިޖާޒު ނަސީރު (40އ) އެވެ.

ފުލުހުން ބުނި ގޮތުގައި ފޭރުމުގެ މިއަމަލު ހިންގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބިދޭސީ މީހާ ބައިސްކަލެއްގައި ދުއްވާފައި ދަނިކޮށް، ސައިކަލެއްގައި ދިޔަ ދެ މީހަކު ވެގެން މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 11:25 ހާއިރު އެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖް ބަލައި އެ މީހުން ހޯދުމަށް ކުރި މަސައްކަތުން އެރޭ ދަންވަރު 12:30 ހާއިރު އެ މީހުން ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސް އިޖާޒު ހައްޔަރުކުރެވުނު ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެވަނަ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، މިމަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާ މިހާރު ފުލުހުންގެ ބަންދުން ވަނީ ދޫކޮށްލާފަ އެވެ. ދޫކޮށްލި ވަކި ސަބަބެއް ފުލުހުން ނުބުނެ އެވެ. ބަންދުން ދޫކޮށްލި މީހާގެ ވަނަވަރުވެސް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

އިޖާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ބިދޭސީ މީހާގެ އަތުން ފޭރުނު ވޮލެޓާއި 10،000 ރުފިޔާ ފުލުހުން ވަނީ ހޯދާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *