ވެރިކަން ކުރާ ޕީއެންސީގެ ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ ނައިބް ރައީސް މަގާމަށް ގިނަ ބޭފުޅުންތަކެއް ވާދަކުރައްވާނެ ކަމަށް އިއުލާންކުރުމާއެކު އެ މަގާމުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
ޕީއެންސީގެ ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް 6 ބޭފުޅަކު އިއުލާންކުރައްވާފައިވެއެވެ. އެއީ:
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
- މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
- ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
- ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
- ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
ޕީއެންސީގެ ކޮންގްރެސް ކުރިން ބާއްވަން ނިންމީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް ފަހުން ވަނީ ކޮންގްރެެސް އަވަސްކުރަން ނިންމާ އެކަން އިއުލާންކޮށްފަ އެވެ.
ޕީއެންސީގައި ހަތް ނައިބް ރައީސުން ތިއްބަވާއިރު އެ ޕާޓީ ވެރިކަމުގައި އޮންނައިރު ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އޮޓަމެޓިކުން ޕީއެންސީގެ ނައިބް ރައީސަކަށް ވާނެ އެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފަށް އިންތިހާބަކާ ނުލައި ޕީއެންސީގެ ނައިބް ރައީސްގެ މަގާމު ލިބިވަޑައިގަންނަވާނެ އެވެ.




