ރަށްތަކުގެ ބިން އަތުލުމުގެ ބާރު ކެބިނެޓަށް

ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ބިން ވަކިކުރަން ބޭނުންވާ ހާލަތްތަކުގައި ލޯކަލް ކަައުންސިިލްތަކުގެ އިހްތިސާސްއިން ބިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދައިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ. ހަންނާން މަޖިލީހަށް ހޮވުނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް ފެށުނީއްސުރެ އޭނާ ގެންދަވަނީ ސަރުކާރާ އެކު މަޖިލީހުގައި މަސައްކަތް ކުރައްވަމުންނެވެ.

ހަންނާން ހުށަހެޅުއްވި ބިލްގެ މަގުސަދަކީ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށް ބުނެފައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ކައުންސިލްގެ އިޚްތިސާސްގައި ހިމެނޭ ބިމެއްގައި އެއްވެސް މަޝްރޫއެއް ސަރުކާރުން ހިންގަން ބޭނުންވާނަމަ ކައުންސިލްގެ އިހްތިސާސް އިން އެ ބިމެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ އެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމުން، ދައުލަތުގެ ކަމާ ގުޅޭ އިދާރާއިން އެ ކައުންސިލަކަށް އެންގުމާއެކު، އެ ބިމެއް ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.

ރަށެއްގައި ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިންވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއަކަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި އެ މަޝްރޫއަކަށް ބޭނުންވާ ބިން އެ ކައުންސިލަކުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާއާ އެ ބިމެއް ހަވާލުކުރަން ވާނެ ކަމަށްވެސް އިސްލާހުގައި ކަނޑައަޅާފައިވެ އެވެ.

ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއަކަށް އެއްވެސް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ގޮތަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުމެއް އެއްވެސް ކައުންސިލަކަށް ނުނިންމޭ ގޮތަށް ގާނޫނު ބަދަލުކުރަންވެސް އިސްލާހެއް ހުށަހަޅާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *