ތެޔޮ ބިލް 300 މިލިއަން ޑޮލަރަށް އެރިއިރުވެސް، އަސާސީ މުދާ ލިބޭނެކަން ކަށަވަރުކުރި: ޝިމާދު

ތެޔޮ ބިލަށް ދައްކަންޖެހޭ އަދަދު 300 މިލިއަން ޑޮލަރަށް އެރިއިރުވެސް އެއްވެސް ދަތިކަމެއް ނެތި އަސާސީ މުދާ ލިބޭނެކަން ސަރުކާރުން ކަށަވަރުކުރި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "އިގުތިސާދުގެ ދެފަރާތް" ޕެނަލް ޑިސްކަޝަންގައި ޝިމާދު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނުއިރުގައި ތެލުގެ އަގު ހުރި ނިސްބަތާ ބަލާއިރުގައި މޭ-ޖޫން ހިސާބުގައި ތިން ގުނައަށް ތެލުގެ އަގު ބޮޑުވި ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ އަގުވެސް ނިސްބަތުން ވަރަށް ބޮޑުވިކަން ޝިމާދު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ކުރިން ފިއުލް ބިލަށް މަހަކު މިސާލަކަށް 100 މިލިއަން ޑޮލަރު ދައްކާކަމަށްވަންޏާ މިދޭތެރެއިން ދިޔަ 300 މިލިއަން ޑޮލަރަށް އަރައިގެން،" ޝިމާދު ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ އެ ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ބަރާބަރަށް ލިބޭކަން ކަށަވަރު ކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދިން ކަމަށެވެ.

"އެހެންވީމަ ހަމައެކަނި ބެންކް އޮފް މޯލްޑިވްސްއަށް މި ބާރު ބޮޑުވަނީ ބެންކަށް ވަދެ ނުކުންނަ ޑިޕޮސިޓާ އެ ވިތްޑްރޯވަލްއަކުންނެއް ނޫން. މުޅި އިކޮނޮމީގައި އަޅުގަނޑުމެން ހުރިހާ ވިޔަފާރިވެރިންނަށް މި ދިމާވާ ޗެލެންޖް. އަޅުގަނޑުމެން ކުރިން ތަކެތި ގަންނަމުން އައި އަގު ނިސްބަތުން އެފްއޯބީ ރޭޓާ، ޝިޕިން ރޭޓާ، އިންޝުއަރެންސް ބޮޑުވީމަ އެ އައި ބަދަލުތަކަކީވެސް ހަގީގަތުގައި އަޅުގަނޑުމެން ވަރަށް ބޮޑު ތަހައްމަލު ކުރަންޖެހުނު ކަމެއް،" ޝިމާދު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ޝިމާދު ފާހަގަ ކުރެއްވީ ޑޮލަރުން ފައިސާ ދައްކައިގެން އިމްޕޯޓްކުރާ ކޮންސްޓްރަކްޝަން ސާމާނެވެ. އެ ތަކެތި ވިއްކަނީ ރުފިޔާއިން ކަމަށްވާއިރު އޭގެ އަގު ހިފެހެއްޓެނީ ސަރުކާރާއި ސެންޓްރަލް ބެންކުން ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން ކަމަށް ޝިމާދު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *