ފުރުސަތު ނުދިނަސް، މުޒާހަރާ ބާއްވާނީ މަޖީދީމަގުގައި: އެމްޑީޕީ

އެމްޑީޕީން މާދަމާ ރޭ ބާއްވާ "ދަތިވެއްޖެ" މުޒާހަރާ މަޖީދީމަގުގައި ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވި ނަމަވެސް އެ މުޒާހަރާ ކުރިއަށްގެންދާނީ މަޖީދީމަގުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި މިނިސްޓަރު އިހްސާން ވަނީ މަޖީދީމަގު ބްލޮކް، ސިޔާސީ ހަރަކާތެއް ހިންގުމަށް ފުރުސަތުދޭއިރު އެކަން ކުރޭވޭނެ ދުވަހާއި ގަޑި ބަލާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ މުޒާހަރާ ބާއްވަނީ ކާރޫބާރޫ ވަރަށް ބޮޑު ގަޑިއަކަށްވާތީ މަޖީދީމަގުގައި މުޒާހަރާކުރަން ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ދަތިވެއްޖެ" މުޒާހަރާ އިއުލާނުކުރުމާ ގުޅިގެން ފުލުހުން އެ ޕާޓީގެ އިންތިޒާމު ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރި ކަމަށެވެ.

މި ބައްދަލުވުމުގައި އެ މުޒާހަރާ މަޖިދީމަގުގައި ކުރިއަށް ގެންދިއުމުގެ ހުއްދަ ދޭން ފުލުހުންގެ ގްރައުންޑް ކޮމާންޑަރުންގެ އަރިހުގައި ޕާޓީގެ ފަރާތުން އެދުނު ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

"މާލޭގެ މައި މަގުތަކުގައި މިވަގުތު މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ މަޖީދީ މަގު ފިޔަވައި މުޒާހަރާކުރުމަށް އެކަށީގެންވާ މަގެއް ނުވެސް ނެތްކަމަށާއި އެހެންވީމާ އެފަދަ މުޒާހަރާއެއް ކުރިއަށް ގެންދެވޭނީ ވެސް މަޖީދީ މަގުގައި ކަމަށް ފުލުހުން އެ ބައްދަލުވުމުގައި ވިދާޅުވި،" އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ނޫސްބަޔާނުގައި ބުނީ ފުލުހުން މިހެން ބުނި ނަމަވެސް، ފާއިތުވެދިޔަ ތަނުގައި ކަންހިނގާފައި އޮތްގޮތަށް ބަލައި، މި މުޒާހަރާ މަޖީދީމަގުގައި ކުރިއަށް ގެންދިއުމަށް ފަހުވަގުތު ފުރުސަތު ނުދީފާނޭ ކަމުގެ ކަންބޮޑުވުން މި ޕާޓީގެ އިންތިޒާމު ކޮމިޓީގެ މެންބަރުން އެވަގުތު ވެސް ފާޅުކުރި ކަމަށެވެ.

"އެހެންނަމަވެސް ފުލުހުންގެ ގްރައުންޑް ކޮމާންޑަރުން ވިދާޅުވީ 'މިފަހަރު އެހެން ނުވާނެ' ކަމަށެވެ،" އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި މި ކަށަވަރުކަން ލިބިފައިވަނިކޮށް، މަޖީދީމަގުގައި މުޒާހަރާ ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވުމަކީ ފުލުހުންގެ ފަރާތުން ދީފައި އޮތް ކަށަވަރުކަމާ ހިލާފަށް، ފުލުހުންގެ ބަހުގެ އިތުބާރު ގެއްލޭ ގޮތަށް މިނިސްޓަރު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށެވެ.

ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަކީ ޑިމޮކްރެސީގެ އަސާސެއްކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެ އަސާސީ ހައްގުގެ ބޭނުންކޮށް، އިހުތިޖާޖު ކުރުމުގެ ފުރުސަތު ނުދޭނޭ ކަމަށް މިނިސްޓަރު ވިދާޅުވުމަކީ މި ސަރުކާރަކީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމު ނުކުރާ ސަރުކާރެއްކަން ހާމަކޮށް އާންމުކޮށް ކުރެއްވި އިއުލާނެއް ކަމަށެވެ.

އެމްޑީޕީން އިތުރަށް ބުނީ މަޖީދީ މަގުގައި މުޒާހަރާކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އިހުސާނު ވިދާޅުވި ނަމަވެސް، ޕާޓީގެ އިންތިޒާމު ކޮމިޓީއާ ބައްދަލުކުރި ފުލުހުންގެ ބަހާ އެއްގޮތަށް، މި މުޒާހަރާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މަޖީދީ މަގުގައި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *