ރާއްޖޭގެ ރަސްމީ ރިޒާވާއި ޔޫޒަބަލް ރިޒާވް ފާއިތުވި ޖުލައި މަސް ނިމުނުއިރު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 638.03 މިލިއަން ޑޮލަރެވެ.
މިއީ މި އަހަރުގެ ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި މިންވަރަށްވުރެ 48.8 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
ރަސްމީ ރިޒާވްގައި މި އަހަރުގެ ޖޫން މަސް ނިމުނުއިރު 686.83 މިލިއަން ޑޮލަރު ހުއްޓެވެ.
ރަސްމީ ރިޒާވް މަހުން މަހަށް
- ޖެނުއަރީ – 1.03 ބިލިއަން ޑޮލަރު
- ފެބްރުއަރީ – 1.27 ބިލިއަން ޑޮލަރު
- މާޗް – 1.33 ބިލިއަން ޑޮލަރު
- އެޕްރީލް – 717.90 މިލިއަން ޑޮލަރު
- މޭ – 704.77 މިލިއަން ޑޮލަރު
- ޖޫން – 686.83 މިލިއަން ޑޮލަރު
- ޖުލައި – 638.03 މިލިއަން ޑޮލަރު
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަސްމީ ރިޒާވްގެ އިތުރުން ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްވެސް ވަނީ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ދަށަށް ގޮސްފަ އެވެ.
އެ ގޮތުން ރަސްމީ ރިޒާވާއި އެހެނިހެން ފޮރިން ކަރަންސީ އެސެޓްސްއިން ކުރު މުއްދަތުގެ ދަރަނި އުނި ކުރުމުން ޖުލައި މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 221.87 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި 248.91 މިލިއަން ޑޮލަރު ހުއްޓެވެ.




