އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝަމްހީދު ވާދަކުރައްވަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޝަމްހީދު މިކަން ހާމަކުރެއްވީ އަވަސް އޮންލައިނާއެކު ކުރިއަށްގެންދާ "ޝަމްހީދާއި އެކު" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގަ އެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން،" ޝަމްހީދު ވިދާޅުވި އެވެ.

މި ޕޮޑްކާސްޓްގައި ޝަމްހީދު ވިދާޅުވީ ގައުމު މިއަދު ވަނީ ވަރަށް ހާއްސަ ހާލަތެއްގައި ކަމަށާއި އިގުތިސޯދީ ގޮތުން ބަނގުރޫޓުވުމާއި ކައިރީގައި ކަމަށެވެ.

ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާއިރު އެކި ސަރުކާރުތަކުން މިހާތަނަށް ކުރަމުން ދިޔައީ ކައިރީގައި އުޅޭ ވަކި ބަޔަކަށް މަންފާ ލިބޭ ކަންތައްތައް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ރާއްޖެއަކީ އިގުތިސޯދު، އެހެން ގައުމުތަކާއި އަޅާބަލާއިރު ތަފާތުކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެވޭނީ އެކަންކަން އެނގިގެން ކަމަށެވެ. އަދި ފެއިލްވެގެންދަނީ އެކަންކަން ނޭނގޭތީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ޑިމޮކްރަސީއަށް 18 އަހަރުވިއިރު 500 ބިލިއަން ރުފިޔާ ހޭދަކޮށް 160 ބިލިއަން ރުފިޔާއިން ގައުމު ދަރަނިކޮށްފައިވާ ކަމަށާއި މި ހުރިހާ ހޭދައެއް ކުރި ނަމަވެސް ރައްޔިތުންގެ އުންމީދުތައް ހާސިލުނުވި ކަމަށެވެ.

އެ ގޮތުން ރައްޔިތުން ބޭނުން ވަނީ ބޯހިޔާވަހިކަމަށް ހައްލު ލިބި ބޭސް ފަރުވާ އާއި އަސާސީ ހިދުމަތްތައް ކަމަށާއި މި ހުރިހާ ފައިސާއެއް ހޭދަވިއިރު ރައްޔިތުންގެ މި އުންމީދުތައް ހާސިލު ނުވި ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވަނީ ރައްޔިތުންގެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދީ އާންމު ރައްޔިތުން މީހާއަށް ވެރިކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"ޝަމްހީދާއި އެކު" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑު އަވަސް އޮންލައިނުން ބުރާސްފަތި ދުވަހު ގެނެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *