ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި އޮކްޓޫބަރު 19 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 1.04 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި ޑިސެމްބަރު 28 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 353.4 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.
މީގެ އިތުރުން އަންނަ އަހަރުގެ މާޗް 22 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 160 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 36.9 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.
ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.




