ޖޭއެސްސީން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް ވިދާޅުވެ އަޒްމިރަލްދާގެ ސިޓީއެއް ރައީސަށް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްސަލަ ބަލާ ކޮމިޓީން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ކަމަށް ވިދާޅުވެ، އޭގެ ތަފްސީލްތަކާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސިޓީއެއް ފޮނުއްވައިފި އެވެ.

ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވާ އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ދޫކޮށްލަން ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލާގެ ރިޕޯޓް ވަނީ ތައްޔާރުކޮށްފަ އެވެ.

އެ ރިޕޯޓްގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ބައިވެރިވެގެން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކޮމިޓީން ނިންމާފައިވެ އެވެ.

އެ ރިޕޯޓާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރަލްދާ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ބުނީ ކޮމިޓީގެ ނިންމުމަކީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ކޮމިޓީގެ މެންބަރުންގެ ގަބޫލުކުރުންތަކަކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"ކޮމިޓީން އަމަލުކޮށްފައިވަނީ ދިފާއުވުމުގެ އަސާސީ ހައްގާ ހިލާފަށެެވެ. މައްސަލައިގެ މައުލޫއުއާ ގުޅޭގޮތުން އެކުލަވާލާފައިވަނީ ކަނޑައެޅިގެން ފެންނަން ހުރި ހަގީގަތްތައް އެއް ފަރާތްކޮށްފައިވާ ރިޕޯޓެކެވެ،" ބަޔާނުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *