ރިޔާސީ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައިފި

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ހާއްސަ ކޮމިޝަނަށް ބަދަލުތަކެއް މިއަދު ގެންނަވައިފި އެވެ.

ރައީސް މުއިއްޒު މިމަހުގެ 27 ވަނަ ދުވަހު އެންމެ ފުރަތަމަ ކޮމިޝަން އުފެއްދެވީ ތިން މެންބަރުން އެކުލެވޭ ގޮތަށެވެ. އެގޮތުން ކޮމިޝަންގައި އޭރު ހިމެނުއްވި ބޭފުޅުންނަކީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި، މަޝްހޫރު ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު އެވެ.

ކޮމިޝަނަށް މިއަދު ބަދަލުތަކެއް ގެންނަވާފައި މިވަނީ ކޮމިޝަންގެ މެންބަރު ކަމުން ޑރ. ހަބީބް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކޮމިޝަނަށް މިއަދު ބަދަލު ގެންނެވިއިރު ޑރ. މުހައްމަދު މުނައްވަރާއި، ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދާ އެކު އިތުރު ތިން ބޭފުޅުން ވަނީ ކޮމިޝަންގައި ހިމަނުއްވާފަ އެވެ.

ކޮމިޝަންގައި މިހާރު ހިމެނޭ ބޭފުޅުން:
ޑރ. މުހައްމަދު މުނައްވަރު – ގ. ހަސަންކާރިގެ
ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު – ވ. އަލްމާން
ޑޮކްޓަރ މޫސާ މުރާދު – ދަފްތަރު ނަންބަރު ރސ 641
ޖަބީން މުހައްމަދު – ތ. ވޭމަންޑޫ، މޫނިމާގެ
އާމިނަތު އީނާސް – ހ. ހަބަރުގެ

ކޮމިޝަން އަލަށް އެކުލަވާލެއްވި ނަމަވެސް ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓެވުން ހަވާލުކުރައްވާފައިވަނީ ޑރ. މުނައްވަރަށެވެ.

ރައީސް ގަރާރަކުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް މިއަދު ބަދަލުތަކެއް ގެންނެވި ނަމަވެސް ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކަށް ބަދަލު ގެންނަވާފައެއް ނުވެ އެވެ. ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް މުއިއްޒު ކަނޑައެޅުއްވުމާ ހަމައަށް މި ކޮމިޝަން ދެމިއޮންނާނެ އެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އެންމެ ބޮޑު އެއް ހުށަހެޅުމަކީ ޔުމްނު ވެއްޓުނު ހާދިސާ މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *