ނަޝީދު އެދެނީ ހައްޔަރުކުރި ޒުވާނުން ދޫކޮށްލަން

މާލޭގައި ޒުވާނުން ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޭގެ ވަގުތެއްގައި ހައްޔަރުކުރީ ނ. ކުޑަފަރި، ބަގީޗާގެ، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ، އާއިޝަތު ޝިމަން އަހްމަދު (19އ) އެވެ.

ސޯޝަލްމީޑިއާގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ އެއްވެއުޅުމާއި ހިޔާލު ފާޅު ކުރުމުގެ އަސާސީ ހައްގުގެ ބޭނުން ހިފަމުން ދަނިކޮށް ކަމަށްވާތީ އެ މީހުން ވަގުތުން މިނިވަންކުރަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ހައްގުތައް ހޯދުމަށް ޒުވާނުން ވަކާލާތުކުރާތަން ފެނުމަކީ ލިބޭ ހިތްވަރެއް ކަމަށާއި މުޒާހަރާކުރާ ޒުވާނުންގެ އަޒުމާއި ހިތްވަރުން އެކްޓިވިޒަމްގެ ބާރު ދައްކައިދޭ ކަމަށެވެ. ހައްގުތަކުގެ ދިފާއުގައި ތެދުވެ ވަކާލާތު ކުރަން ހިތްވަރު ލިބޭ ސަގާފަތެއް ބިނާކުރުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލަން އިދިކޮޅު އެމްޑީޕީންވެސް ވަނީ ގޮވާލާފަ އެވެ.

މާލޭގައި ޒުވާނުންތަކެއް އިސްވެ ތިބެ ސިލްސިލާކޮށް މުޒާހަރާކުރަމުން ދަނީ މާލޭގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ވަގުތު އުސް އިމާރާތަކުން ވެއްޓުނު ޒުވާނަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *