ނޫސްވެރިކަމުގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ހިތްވަރުގަދަ އާ ދުނިޔެއެއްގައި ރިޕޯޓްކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު،" އެވެ.
ރައީސްގެ މެސެޖުގައި ވަނީ ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް، އަދުލުއިންސާފު ނެގެހެއްޓުމުގައި ނޫސްވެރިން އަދާކުރާ މުހިއްމު ދައުރެއްކަން ފާހަގަކުރައްވާފަ އެވެ.
ރައީސް ވަނީ މީޑިއާގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ހުރިހާ އެންމެންނަށްވެސް ދީފަ އެވެ. އެގޮތުން ނޫސްވެރިކަމުގެ އަހްލާގު ނަގަހައްޓައި، މުއުތަބަރު މައުލޫމާތު ދައުރުކުރުމުގައި ވިސްނާލުން މުހިއްމު ކަމުގައި ވިދާޅުވި އެވެ. މިނިވަން ނޫސްވެރިކަން ރައީސް މުއިއްޒު ސިފަކުރައްވާފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއްގެ ގޮތުގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިޝިއާރުން، އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އިން ފަހިކޮށްދޭ ފުރުސަތުތަކުގެ އިތުރުން މީޑިއާގެ މިނިވަންކަމުގެ މުހިއްމުކަމުގެ ދިރުންހުރި ސިފަ ދައްކުވައިދޭ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވަނީ ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެވިއްޖެނަމަ އޭއައި އަކީ މައުލޫމާތު ތަހްލީލުކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށްފޯރުކޮށްދިނުމުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގު މައުލޫމާތާ ދެކޮޅަށް އަޑުއުފުލުމުގައިވެސް ބޭނުންކުރެވިދާނޭ އާލާތެއް ކަމަށް ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން މީޑިއާ ލިޓްރަސީ އިތުރުކޮށް، އޭއައި އުފެއްދުންތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ އަހްލާގާ އެއްގޮތްވާ ގޮތަށް އޭއައި ބޭނުންކުރުމަށް ހިތްވަރު ދިނުމުގައި، ޕްރެސް ފްރީޑަމް ކޯލިޝަނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތައް ގައުމީ އަދި ބައިނަލްއަގްވާމީ ބައިވެރިންނާއެކު ކުރާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.
މިނިވަން ނޫސްވެރިކަމަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ޑިޖިޓަލް މެނިޕިއުލޭޝަންގެ މައްސަލައިގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުމަށާއި، މީޑިއާ އާއި ފަންނިއްޔާތާ ގުޅޭ މަޝްވަރާތައް ޝާމިލުކަމާއެކު ކުރިއަށް ގެންދިއުމަށް ރާއްޖެއިން ކެނޑިނޭޅި އަޑުއުފުލަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އޭއައިގެ ޒަމާނުގެ ފުރުސަތުތަކާއި ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ރައީސް މުއިއްޒު ވަނީ ޑިމޮކްރަސީގެ އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިއްސާކުރާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަގީކަންވެސް ދެއްވާފަ އެވެ.




