މެލޭޝިއާ އާއި ރާއްޖެ އާ ބާބެެއް ފަށައިފި: ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާގައި އާ ދައުރެއް ފެށިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިޔަ މެލޭޝިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ.

"ބިޒްނަސް ފޯރަމުގައި ވަނީ މެލޭޝިއާގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރެވިގެން ގޮސްފައި،" ރައީސްގެ ދަތުރުފުޅާ ގުޅޭގޮތުން މެލޭޝިއާގެ ނޫސްތަކުގައި ޖަހާފައިވާ ބައެއް ހަބަރުތައް ހިމަނުއްވައިގެން ސައީދު ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

ބިޒްނަސް ފޯރަމުގައި ރައީސް ޑރ. މުއިއްޒުގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންފައިވާތީ އެއީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް އެންމެ އިސްވެރިން އިސްކަން ދެއްވާ ކަމުގެ މިސާލެއްގެ ގޮތުގައި ސައީދު ސިފަކުރެއްވި އެވެ.

ސައީދު ވިދާޅުވީ ރައީސްގެ މެލެޝިއާ ދަތުރުފުޅުގެ ތެރެއިން ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވިފައިވާ ކަމަށެވެ.

ރައީސް މުއިއްޒު މިދިޔަ އޭޕްރީލް މަހުގެ 27 އިން 29 އަށް މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ ދެމެދުގައި ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. ރައީސް މުއިއްޒު ވަނީ ފަސޭހަ ވަގުތެއްގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް މެލޭޝިއާގެ ބޮޑުވަޒީރަށް ދައުވަތުވެސް ދެއްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *