މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވަނިކޮށް އެކްސިޑެންޓުވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި، ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުހައްމަދު (41އ) އެވެ.
ފުލުހުން ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާލުން ކަނޑުއޮޅީގެ ބޭރުން ވަލީދު ދުއްވަމުން ދިޔަ ލޯންޗް، ފެރީ ދޯންޏެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ރޭ 7:26 ހާއިރު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވީ ވަލީދުކަން އެނގޭ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ވަގުތު ވަލީދު ހުރީ މަސްތުގެ ހާލަތުގައިކަން ދެނެގަނެވިފައިވާ ކަމަށާއި އެހެންކަމުން އެ ވަގުތު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެެއް ލިބިފައެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ކާރެއް ދުއްވި މީހަކުވެސް މިމަހުގެ އެއްވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ހުޅުމާލެއިން ހައްޔަރުކޮށްފައިވެ އެވެ.




