ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފޮށިތަކަކާ އެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށެވެ.
ސިނގިރެޓް ފޮށިތައް ފެނިފައިވަނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލާފައި ދިއުމުން އެ ޕިކަޕް ބެލި އިރު އޭގެ ތެރެއިންނެވެ.
ފުލުހުންނަށް 221 ފޮށި ސިނގިރެޓް ފެނިފައިވާ ކަމަށްވެސް ބުންޏެވެ.
ރާއްޖެއަށް ސިނގިރޭޓު އެތެރެކުރެވޭނީ ސިނގިރޭޓުން ލިބޭ ނުރައްކާތެރިކަން އަންގައިދޭ ލޭބަލް ޖަހައިގެން އަދި ހުއްދަ ނަގައިގެންކަން ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައި ބުނެ އެވެ.
ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މިސަރުކާރުގައި ބޮޑުކުރި ފަހުން ވަގަށް ސިނގިރޭޓް އެތެރެކުރުން ވަނީ އިތުރުވެފަ އެވެ.




