ސީޕީގެ މަގާމަށް ނަވީން އައްޔަންކުރައްވައިފި

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާއަށް ވަނީ މަގާމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ.

ސީޕީގެ މަގާމު ހުސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ފުރަތަމަ ސީޕީގެ މަގާމަށް އައްޔަންކުރެއްވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝުޖާއުގެ އިސްތިއުފާއާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގުމާ މިއަަދާ ހަމައަށް ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ފުރުސަަތު ހުޅުވާލީ މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

މިފުރުސަތުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެއްވީ އިސްމާއިލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ސައުތު ޕޮލިސް ކޮމާންޑަރު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝަމީމް އެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އެ މަގާމަށް އައްޔަންކުރަން ފެންނަ ބޭފުޅުންގެ ނަންތައް ޕޮލިސް ބޯޑުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ހުށަހެޅުމުން މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *