ތިނަދޫ މޭޔަރު ސަސްޕެންޑްކޮށް ކައުންސިލަރުންނަށް ފިޔަވަޅު އަޅައިފި

ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރުމާއެކު ތިނަދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް ލޯކަލް ގަވަަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.

ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގިނަ ޝަކުވާތަކެއް އެލްޖީއޭއަށް ހުށަހެޅުމާ ގުޅިގެން ކައުންސިލްގެ އިންކުއަރީއެއް މިދިޔަ މާޗް މަހު ހެދުމަށްފަހު އެލްޖީއޭ އިން އެކުލަވާލި ރިޕޯޓަށް ޖަވާބުދާރީވުމަށް ކައުންސިލަށްވެސް ހަތް ދުވަހުގެ ފުރުސަތު ދިނެވެ. ކައުންސިލުން ވަނީ އިންކުއަރީއަށް ޖަވާބުވެސް ދީފަ އެވެ.

އެލްޖީއޭ އިން ބުނީ ތިނަދޫ ކައުންސިލާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކޮށްފައިވާކަން ފާހަގަކޮށް އެލްޖީއޭގެ ރިޕޯޓްގައި ވަނީ 19 މައްސަލައެއް ހިމަނާފަ އެވެ.

ފާހަގަކޮށްފައިވާ ބައެއް މައްސަލަތައް
ސަރުކާރުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުން
ތިނަދޫގެ ރަށްވެހިކަމުން ވަކިވާ މީހުންގެ އަތުން 5،000 ރުފިޔާގެ ފީއެއް ހުއްދައެއް ނެތި ނަގަން ނިންމުން
ދައުލަތުގެ އިދާރާތަކާއި އަތޮޅު ކައުންސިލުން ބޭނުންވާ މައުލޫމާތު އެ އިދާރާތަކާ ހިއްސާނުކުރުން
އަތޮޅު ކައުންސިލްގެ އެންގުންތަކަށް އަމަލުނުކުރުން
ކައުންސިލުގެ ބިޑް ކޮމިޓީ އާއި ބިޑް އިވެލުއޭޝަން ކޮމިޓީއަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އެލަވަންސެއް ދިނުން
އޭސީސީގެ ތަހުގީގަށް ތިނަދޫ ކައުންސިލުން އެއްބާރުލުން ނުދިނުން
ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކޮށްގެން ނުވާނެ ޕޯސްޓްކުރުން
ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުން
ކައުންސިލުން އިއުލާންކޮށްގެން ހެދި މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެކައުންޓަކަށް ޖަމާކުރުން
އެލްޖީއޭ އިން ވަނީ ތިނަދޫ ސިޓީ ކައުންސިލަށް ސިޓީއެއްގެ ދަރަޖަ ނުދެނީސް މޭޔަރާއި ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުން މުސާރައާއި އިނާޔަތް ނެގި މައްސަލަވެސް ފާހަގަކޮށްފަ އެވެ. އަދި އެގޮތަށް ނެގި ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށްވެސް އަންގާފައިވެ އެވެ. މީގެއިތުރުން ވޭޖު އުސޫލުން ބޭރުން މުވައްޒަފުން ނެގުމާއި އަންހެނުންގެ ކޮމިޓީގެ ރައީސް ކައުންސިލްގެ ޖަލްސާތަކުގައި އުސޫލުން ބޭރުން ބައިވެރިވުމާއި އިދާރީ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ކަންކަން ކުރުވުމާއި ކައުންސިލަށް ލޯންޗެއް ގަންނަން އުސޫލުން ބޭރުން އަމަލުކޮށްފައިވާ މައްސަލަ ފާހަގަކޮށްފައިވެ އެވެ.

އެލްޖީއޭ އިން ވަނީ ތިނަދޫ ކައުންސިލްގައި ހުރި މައްސަލަތަކާ ގުޅިގެން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާތީ މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް މޭޔަރު ސައުދި ތިން މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. މީގެއިތުރުން ކައުންސިލަރުން ކަމަށްވާ އަހުމަދު ވަހީދާއި މުހައްމަދު ޒަލީފް އަބްދުﷲއާއި އައިމިނަތު ނަސީމާގެ އިތުރުން އަހްމީމާ އަހްމަދަށް ނަސޭހަތްތެރިވުމާ އެކު، މުސާރައިގެ ގޮތުގައި އިތުރަށް ދޫކޮށްފައިވާ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި އަނބުރާ ކައުންސިލަށް ދެއްކުމަށްވެސް އަންގާފައިވެ އެވެ. އަދި ތިނަދޫ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަންއަށްވެސް ނަސޭހަތްތެރިވުމާ އެކު ގަވާއިދާ ހިލާފަށް ނެގި އެލަވަންސާއި ފައިސާ އަނބުރާ ރައްދުކުރުމަށްވެސް އަންގާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *