ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިބޫ ވިދާޅެއް ނުވި

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެއްވެސް އެއްޗެއް ވިދާޅުވުމަށް ދެކޮޅު ހައްދަވައިފި އެވެ.

އެމްޑީޕީއަށް މިއަދު 20 އަހަރު ފުރުމާ ގުޅިގެން ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި މިރޭ ބައިވެރިވެވަޑައިގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ އެހުމުން ރައީސް ސޯލިހް ވިދާޅުވީ "ތިއީ މިއަދު ކުރަން ހެޔޮވާވަރުގެ ސުވާލެއް ނޫން" ކަމަށެވެ.

"އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އައިސް އެމްޑީޕީއާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ފަށާ ވަގުތެއްގައި ކުރާ ކަހަލަ ސުވާލެއް ނޫން ތިޔައީކީ،" ޕްރޮގްރާމުގެ ޕްރެޒެންޓަރަށް އަމާޒުކުރައްވާ ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިވަގުތު އެމްޑީޕީން ކުރަންވީ ކަމަކީ އެންމެން ގުޅިގެން އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. ރިޔާސީ އިންތިހާބު އޮންނާނީ 2028 ވަނަ އަހަރު ކަމަށްވެފައި އޭގެކުރިން އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު އޮންނާނެތީވެ އެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ޕާޓީގެ ހުރިހާ މެންބަރުން ކުރަންވާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ ބޭފުޅުންތަކެއް އެމްޑީޕީގެ ތެރޭގައި ތިއްބެވި ނަމަވެސް ރައީސް ސޯލިހް ވަނީ އެ ބޭފުޅުން އެ މަސައްކަތް މަޑުޖައްސާލުމަށްވެސް އެދިވަޑައިގެންފަ އެވެ.

"ރިޔާސީ އިންތިހާބަށް އިންޓަރެސްޓް ހުރި ބޭފުޅުން އެ މަސައްކަތް މިހާރުވެސް އެބަކުރައްވާ. އެކަމަކު އަޅުގަނޑަށް ފެންނަނީ އެކަންތައް އިހަށް މަޑުޖައްސަވަން،"

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެއްވެސް އެއްޗެއް ވިދާޅުވުމަށް ދެކޮޅު ހައްދަވާފައިވީ ނަމަވެސް އެމަނިކުފާނުގެ ބައެއް އަރިސް ބޭފުޅުން ވަނީ ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ބައެއް ނޫސްތަކަށް ޔަގީންކޮށްދެއްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *