މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އުތުރު ތިލަފަޅުގެ ބިން ހިއްކާފައި އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ތަނުން ގޯތި ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އުތުރު ތިލަފަޅު ޔޫނިއަނުން މިއަދު ބުނެފި އެވެ.
ރައީސް ސޯލިހްގެ ސަރުކާރުގައި ނިންމާފައި އޮތީ މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނާއި މާލެ ދަފްތަރުގައި ޖެހުނުތާ 20 އަހަރު ފުރިފައިވާ މީހުންނަށް އުތުރު ތިލަފަޅުން ގޯތި ދިނުމަށެވެ. އުތުރު ތިލަފަޅުން 251 ހެކްޓަރުގެ ބިން ހިއްކުމަށްފަހު އެ ތަނުން 5،000 ގޯތި ދޭން ސޯލިހްގެ ސަރުކާރުން ނިންމި އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމްކުރުމަށް ނިންމި އެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު މިދިޔަ އަހަރުގެ މާޗު 28 ވަނަ ދުވަހު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވެ އެވެ. އޭގެފަހުން ސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ އުތުރު ތިލަފަޅުގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެސްޓީއޯގެ އޮފިޝަލަކު ވަނީ އުތުރު ތިލަފަޅުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރިން ނިންމާފައި އޮތް އެގްރިކަލްޗާ އިކޮނޮމިކް ޒޯންގެ މަސައްކަތްތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ހާމަކޮށްފަ އެވެ.
އުތުރު ތިލަފަޅު ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން އުތުރު ތިލަފަޅުގެ ބިން ހިއްކީ ބޯހިޔާވަހިކަމެއްގެ އުއްމީދުގައި ތިބި އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ކަމަށެވެ. އެހެންވެ އުތުރު ތިލަފަޅުގެ ބިން ހިއްކަން ފެށި ބޭނުމާއި މަގުސަދާ ހިލާފަށް އެ ތަނުގައި ދަނޑުވެރިކަން ފެށުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ދަނޑުވެރިކަމަށް އުތުރު ތިލަފަޅު ހާއްސަކުރީމާ އެއީ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމެއް،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެއްވެސް ސަރުކާރަކުން ރައްޔިތަކަށް ދޫކޮށްފައިވާ ފްލެޓާއި ގޯތި އަތުނުލާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށެވެ. އެކަމަކު ވެރިކަމަށް ވަޑައިގަތުމަށްފަހު އުތުރު ތިލަފަޅުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ވިދާޅުވެ ދަނޑުވެރިކަން ފެށުމަށް ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރާ ވާހަކަ ދައްކަވާފައި އޭގެފަހުން އެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކުރުމަށްފަހު އުތުރު ތިލަފަޅުގައި 300 ކުދިން ރިހެބިލިޓޭޓް ކުރެވޭ ވަރުގެ ހޯޕް އައިލެންޑަކާއި ޖަލެއް އަޅާ ވާހަކަވެސް މިސަރުކާރުން ދައްކާފައިވާކަން އަލީ ފާހަގަކުރެއްވި އެވެ.
"300 ކުދިންގެ ރިހެބިލިޓޭޓް ކުރަން 19،000 އާއިލާއެއްގެ އުއްމީދު ކީއްކުރަންހޭ އަޅުގަނޑުމެން ގެއްލުންވާލަންވީ؟ ސަރުކާރުގެ ސިޔާސަތާ ދޭތެރޭ ސުވާލު އުފައްދަވަމުން އަލީ ހުސައިން ވިދާޅުވި އެވެ.




