ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ގާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުމެއް ހިމެނެ އެވެ.
ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ދެން ހިމެނެނީ މަތީ ތައުލީމާއި، ތައުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތައުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ސިންގަޕޫރުގެ އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނޭ، މި ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގަ އެވެ.




