ރައީސް މުއިއްޒު، ސިންގަޕޫރުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު ލޯވްރެންސް ވޮންގްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް ޑރ. މުއިއްޒު އިއްޔެ ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސް ތަރްމަންގެ ދައުވަތަކަށެވެ.

ރައީސްގެ މިދަތުރުފުޅުގައި މިއަދު ފުރަތަމަ ބައްދަލުކުރެއްވީ ސިންގަޕޫރުގެ ރައީސްއާ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ޝަންމުގަރަނަމް ވަނީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުވުމުގެ ރަންޔޫބީލް އާއި ދިމާކޮށް ރައީސް މުއިއްޒު، ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާތީ އުފާ ފާޅުކުރައްވައި، ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސިންގަޕޫރުން އަދި ވަކިން ހާއްސަކޮށް ރައީސް ޝަންމުގަރަނަމްގެ ފަރާތްޕުޅުން ދެންނެވި ހޫނު މަރުޙަބާއަށާއި ބެހެއްޓެވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުމުގެ މައްޗަށް ބައްލަވައި ދެ ގައުމުގެ ދެމެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމު ފާޅުކުރައްވާފަ އެވެ. ރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގާތްގުޅުން ފާހަގަކުރައްވައި، ތަމްރީނާއި ތައުލީމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަދި އުމްރާނީ ތަރައްގީ ފަދަ ދާއިރާތަކުން ދެ ގައުމަށް ފައިދާ ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުންވެސ1ް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމާއި، ފަތުރުވެރިކަމުގެ އިތުރުން ތަފާތު ދާއިރާތަކުން އިގްތިސާދު، ފުޅާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް މުއިއްޒާއި ބޮޑުވަޒީރު ލޯވްރެންސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުން އަދާކުރާ މުހިއްމު ދައުރު ދެ ބޭފުޅުން ފާހަގަކުރެއްވި އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އާ ބާޒާރުތައް ހޯދައި، އިގްތިސާދު ސިންދަފާތުކުރުމާ ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ.

ދެހާސް އަށާވީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެ، އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންވެސްޓް ކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން ތައުލީމާއި، އިންސާނީ ވަސީލަތް ކުރިއެރުވުމާއި، އާބަން ޕްލޭނިންގެ ދާއިރާއިން ފަންނީ އިލްމު ހިއްސާކުރުން ހިމެނޭހެން ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފަ އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ރާއްޖެއާއި ސިންގަޕޫރުން އެކިއެކި މަންސަތަކުގައި އިތުރަށް ގުޅުން ބަދަހިކޮށް، ވަކީން ހާއްސަކޮށް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ބިންތިރި ޖަޒީރާ ގައުމުތަކަށް ކުރާ އަސަރުތަކުގައި، ދެ ގައުމަށް އޮތް ގޮންޖެހުންތަކާއި މެދު ހަރުދަނާ ގޮތެއްގައި އަޑުއުފުލުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަ ދެެއްކެވި އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ގާތް ރަހްމަތްތެރި ގުޅުން، އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް1 ދެއްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *