ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް އެންމެ ފަހުން ގެނައި ބަދަލާ އެކު އެ ތަނުން ގޯތި ލިބޭ އެންމެންގެ ރަޖިސްޓަރީތައް އަލުން ހެދުމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖައްސަން ހުޅުވާލައިފި އެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުރިން ގޯތިތަކަށް ހަދައިދީފައިވާ ރެޖިސްޓްރީތައް ބާތިލްކޮށް އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެޕޮއިންޓްމަންޓަށް ހުޅުވާލައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު އެންމެންގެ ރަޖިސްޓަރީތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެންނާއި ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރި މީހުންތަކެއްވެސް ހިމެނޭތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވަނީ ގުޅިފަޅުން ގޯތި ލިބުނު އެންމެންގެ ގުރުއަތުލުން މިދިޔަ މަހުގެ ތެރޭގައި ނަގާފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ނިންމާފައިވަނީ ގުޅިފަޅުން ގޯތި ލިބޭ އެންމެންނަށް މިހާރު ހިއްކާފައިވާ ސަރަހައްދުން ގޯތިތައް ހަވާލުކޮށް އަވަހަށް އެ މަސައްކަތް ނިންމުމަށެވެ.
އިންފްރާންސްޓްރަކްޗާ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނަށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުމަށްޓަކައި "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެޕޮއިންޓްމަންޓް އުސޫލުން މިއަދުން ފެށިގެން އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށެވެ.
މިނިސްޓްރީން ނިންމާފައިވަނީ ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް އެޕޮއިންޓްމަންޓް ދޫކުރާށެވެ. އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ގޯތީގެ ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އެޕޮއިންޓްމަންޓް ހަމަޖައްސަން ހުށަހަޅާއިރު ހެކިވެރިއެއްގެ އައިޑީ ކާޑު ކޮޕީއާއި ބަދަލުގައި ދާ ފަރާތެއްނަމަ ނޮޓަރައިޒްކޮށްފައިވާ ޕަވާ އޮފް އެޓާނީ އާއި އައިޑީ ކާޑު ކޮޕީގެ އިތުރުން ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއި ރަޖިސްޓަރީގެ ކޮޕީވެސް ހުށަޅަންވެސްޖެހެ އެވެ.
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށްފަހު ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ފަސް މިނެޓް ލަސްވެއްޖެ ނުވަތަ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އެޕޮއިންޓްމަންޓަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުން ކެންސަލް ވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 2438 ގޯތި ދޫކުރަން ކަނޑައަޅާފައިވާއިރު ހުޅުމާލެއިން 1407 ގޯތި އަދި ގިރާވަރުފަޅުން 5186 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.




