ސިޑްސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ ސްޕެއިންގައި މިހާރު ކުރިއަށްދާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް (އެފްއެފްޑީ4)ގައި، އިސްތިރާޖީ ރޭވުމާއި ދެމެހެއްޓެނިވި ވުނޭރުކަމުގެ އެހީގައި ތަރައްގީ ގެނައުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އިއްވެވި ޕްލެނަރީ ބަޔާނުގައެވެ.
ނައިބް ރައީސްގެ ބަޔާނުގައި މިހާރު ދުނިޔެއަށް ދިމާވެފައިވާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން މުދާ އުފައްދައި ދައުރުކުރުމުގެ ވިއުގަތަކަށް ހުރަސް އެޅި، ނުރައްކާތެރިކަން އިތުރުވަމުންދާކަން ފާހަގަކުރެއްވި އެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބައިނަލްއަގްވާމީ މާލީ އޮނިގަނޑަށް ނިޒާމީ ގޮތުން ހުރަސްތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައިވެސް، ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައްވެސް ހިއްސާކުރެއްވި އެވެ. އެގޮތުން ބައިނަލްއަގްވާމީ ބަންކަރިން ހިދުމަތްތައް ގާއިމުކުރުމާއި، ދިގު މުއްދަތުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދާފައިވާކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން އަގު އެއްކުރެވިފައިވާ ބާވަތްތަކުގެ އެކްސްޕޯޓް ކުރިއެރުވުމަށްޓަކައި ވިޔަފާރީގެ ދާއިރާއިން ބާއްވާ ގުޅުންތައް އިތުރުކުރުމަށް ރާއްޖެއިން ކުރަަމުން ގެންދާ މަސައްކަތްތަކާއި، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ މެދުވެރިކޮށް މާލީ ނިޒާމު ޒަމާނީ ކުރުމަށާއި، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް ސެންޓަ ފައިނޭންޝަލް ފްރީ ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރެއްވި އެވެ.
ނައިބް ރައީސް ވިދާޅުވީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. މީގެ އިތުރުން ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައި، އެއާޕޯޓުން ފަސިންޖަރުންނަށް ހިދުމަތްދެވޭ މިންވަރު ތިން ގުނަ އިތުރުކޮށްގެން، އެއާޕޯޓްގެ ކެޕޭސިޓީ ހަތް މިލިއަން ފަސިންޖަރުންނަށް އިތުރުކުރުމަށް ތައްޔާރުވަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"މިއީ 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ކުރިއަރާފައިވާ ގައުމަކަށް ހެދުމަށާއި، މުޅި ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ވިލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް،" ނައިބް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސް އަށް ބައިނަލްއަގްވާމީ މާލީ ނިޒާމުގެ ތެރެއިން މިހާރު ކުރިމަތިވާ ނަހަމަކަންވެސް ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. އަދި ވިލުންތެރި ގޮތެއްގައި ދަރަނީގެ މައްސަލަ ހައްލުކުރުމަށް ރާއްޖެ ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުންވެސް އެމަނިކުފާނު ވާހަކަ ދެއްކެވި އެވެ.
ނައިބް ރައީސް ފާހަގަކުރެއްވި ގޮތުގައި ބޭރުން އަންނަ ލޮޅުންތަކުން އަރައިގަތުމަށާއި ތަރައްގީގެ އަސާސީ ބޭނުންތައް ފުއްދުމަށް، ސިޑްސްއަށް ދަރަނި ނަގަން މަޖުބޫރުވަނީ އަދި ދަރަންޏަށް ބަރޯސާވާން މަޖުބޫރު ވަނީ ކޮންސެޝަނަލް ފައިނޭންސް ލިބުމުގެ ޝަރުތުތައް ހަމަނުވާތީ ކަމަށެވެ. އެ ސަބަބާ ހުރެ އަދިވެސް މި ގައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއަށް ގައުމުތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމުގެ މުހިއްމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ސެވީލް ކޮމިޓްމަންޓަށް ހަރުދަނާ ސިފައެއްގައި އަމަލީ ސިފަ ގެނައުމަށް ގޮވާލެއްވި އެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށް ހިތްވަރާއި އެއްބާރުލުން ބޭނުންވާކަމުގައިވެސް ވިދާޅުވި އެވެ. އަދި ދުނިޔޭގެ މާލީ ނިޒާމު އިސްލާހުކުރަން ޖެހޭކަމަށް ވިދާޅުވެ މިހާރުގެ ނިޒާމަކީ ގިނަ ފަހަރަށް އެންމެ ނާޒުކު ގައުމުތައް ބާކީކުރާ ނިޒާމެއް ކަމުގައި ނައިބް ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވަނީ 2030ގެ އެޖެންޑާ ތަންފީޒުކުރުމުގައި ކޮންމެ ގައުމެއްގެވެސް ހާއްސަ ހާލަތަށް ރިއާޔަތްކުރުމަށް ވަކާލާތު ކުރައްވާފަ އެވެ. އަދި ގައުމީ ފެންވަރުގައި ގާބިލްކަން ބިނާކުރުމަށާއި، ދަރަނިން ހަގީގީ ލުއި ލިބޭނެ ގޮތްތައް ހޯދުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ޖޫން މަހުގެ 30 އިން ޖުލައި މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، އެފްއެފްޑީ4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލް ގައެވެ. އެފްއެފްޑީ4ގެ މަގުސަދަކީ މާލީ އިސްލާހުތަކާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރުމެވެ. މި މަޝްވަރާތަކުގައި ސަރުކާރުތަކާއި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކާއި މާލީ އަދި ވިޔަފާރީގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، އދގެ ނިޒާމާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެ އެވެ.




