ނޭޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވާން 1200 އަށް ވުރެ ގިނަ ފޯމު

ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ނުވަތަ މޯލްޑިވްސް ނެޝަނަލް ސާވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 1،200 އަށް ވުރެ ގިނަ ޒުވާނުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލެވެނީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެތެރެއިން އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާ ގުޅުމަށް ހުށަހަޅާއިރު އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަންޖެހެ އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލި ފުރަތަމަ ބުރުގައި 1،244 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ފޯމުލީ މީހުންގެ ތެރެއިން ޕްރޮގްރާމަށް މީހުން ނަގަން ނިންމާފައިވަނީ ފޯމުލީ ތަރުތީބުންނެވެ. ފުރަތަމަ ބުރުގެ ތަމްރީންތައް ނިމުމުން ދެވަނަ ބުރު އިއުލާންކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގެ ތަމްރީނުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ހިދުމަތަށް ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދެއްވަމުން ގެންދަވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *