އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އެ މަގާމުން މާދަމާ ރިޓަޔާކުރައްވާތީވެ ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިގޮތަށް ނިންމިއިރު ހަމީދަކީ ސުޕްރީމް ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަންކުރީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން ޖޭއެސްސީ އިން ވަނީ މާދަމާ އިން ފެށިގެން މުއުތަސިމް ރިޓަޔާކުރެއްވުމަށް ފުރުސަތު ދެއްވާފަ އެވެ. ޖޭއެސްސީގެ މި ނިންމުމާ ގުޅިގެން މިއަދަކީ މުއުތަސިމް މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ފަހު ދުވަހެވެ.
ފަނޑިޔާރު ހަމީދު ވަނީ ޑިސެމްބަރު 9، 2007 އިން ފެށިގެން ޖޫން 6، 2022 ވަނަ ދުވަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވާފަ އެވެ. އެކަމަކު ހަމީދަކީ ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގައި މަގާމުން ވަކިކުރައްވާފައިވާ ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުން އޭރު އެގޮތަށް ނިންމީ ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނަވައި 2015 ވަނަ އަހަރު ސަރުކާރުން ފަނޑިޔާރުންނަށް ފްލެޓްތަކެއް ދޭން ނިންމުމުން އޭގެ ތެރެއިން ފްލެޓަކާ އޭނާ ހަވާލުވި ކަމަށް ބުނެ އެވެ.




