ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ދިމާކޮށް ދޮޅުގަޑިއިރެއްހާ ވަގުތުކޮޅަކަށް އެއާޕޯޓް ހިމެނޭ ވައިގެ ސަރަހައްދު ބަންދުކުރަން ނިންމައިފި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ވައިގެ ސަރަހައްދު ބަންދުކުރަން ނިންމާފައިވަނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ރޭ 8:30 އިން 10:00 އަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ވައިގެ ސަރަހައްދު ބަންދުކުރާ ވަގުތުތަކުގައިވެސް ޗެކިން ވާންޖެހޭ ޕަސެންޖަރުންނަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. އެކަމަކު އެރޭ ފުރަން އަންނަ ޕެސެންޖަރުންނަށް އުޅަނދުތަކުގައި އާދެވޭނީ ވީއައިއޭގެ ފެށޭކޮޅުގައި ހުންނަ ޕޮލިސް ޗެކް ޕޮއިންޓާ ހަމައަށް ކަމަށާއި އެ ހިސާބުން ޕެސެންޖަރުން އެއާޕޯޓަށް ދަތުކުރާނީ އެމްއޭސީއެލް ހާއްސަ އުޅަނދުތަކެއްގައި ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އާ ޓާމިނަލް ހުޅުވަން ކިތަންމެ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވި ނަމަވެސް ޕެސެންޖަރުންނަށް ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަށް އިންތިޒާމުތައް ހުންނާނީ ހަމަޖައްސާފައި،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވާއިރު މާލެ، ހުޅުމާލެ، ވިލިމާލެ އަދި އައްޑޫގެ ބައެއް ސަރަހައްދުތަކުގައިވެސް ބޮޑު ސްކްރީންގައި އެ މަންޒަރުތައް ވަގުތުން ބަލައިލެވޭނެ އިންތިޒާމު އެމްއޭސީއެލް އިން ހަމަޖައްސާނެ ކަމަށެވެ. އަދި އެރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކާއި އައްޑޫގައި ހާއްސަ ޝޯއެއް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕަށެވެ. ޓާމިނަލްގެ އޮނިގަނޑުގެ މައިގަނޑު މަސައްކަތްތައް ކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބިންލާދިން ގުރޫޕުންނެވެ.
އާ ފެސެންޖާ ޓާމިނަލަކީ 78،000 އަކަ މީޓަރުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ތަނެއް ކަމަށް އެމްއޭސީއެލް އިން ބުނެ އެެވެ. އާ ޓާމިނަލްގެ މަސައްކަތްތަކަށް އެކި ދުވަސްވަރު ގެނައި ބަދަލުތަކާ އެކު ޓާމިނަލަށް މިހާތަނަށް 600 މިލިއަން ޑޮލަރު — 9.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު ދޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.




