އެންސްޕާގެ އެހީގައި އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ދޭ ޑޮލަރު ލިމިޓް އިތުރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ދާ އާސަންދަ ޕޭޝަންޓުންނަށް މިހާރުވެސް ބޭންކު މެދުވެރިކޮށް 2،000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭ އުސޫލުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2،000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ މީހުންނަށްވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 1،000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ބީއެމްއެލް މެދުވެރިކޮށް މިހާރު ލިބެނީ ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ.




